ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭ: ރައީސް

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެކަމަށާއި، ދިވެހި ދިފާޢީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވަނީ ދިވެހީންގެ މިނިވަންކަމާއި، އަމިއްލަވަންކަމުގެ ޙިމާޔަތުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކާއި، މިހާތަނަށް ހޯއްދެވުނު ބައެއް ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމަކީ މި ސަރުކާރުގެ ޒިންމާއެއް ކަމަށާއި، ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެ ކަމަށެވެ. އާބާދީގައި މީސްކޮޅު މަދެއްކަމަކު، ކަނޑުގެ ސަރަޙައްދާއެކު ދިވެހިރާއްޖެއަކީ މުއްސަނދި ތާރީޚެއް ލިބިފައިވާ، ބިޔަ، ބޮޑު ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 24 ގަޑިއިރު، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ހިމާޔަތްކުރެވިފައި އޮތުމަކީ ހުރިހާ ރައްޔިތުންވެސް އެދޭނެ ގޮތް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެކަން ނުކޮށް އޮތީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވައި، އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. މިނިވަންކަން ހިމާޔަތްކުރެއްވުމަށްޓަކައި އަސްކަރިއްޔާ ވަރުގަދަކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ކޯސްޓްގާޑް ފްލީޓް ދެގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެއަރކޯ އުފައްދަވައި، އެއަރކޯގެ ޤާބިލުކަން ވަރުގަދަ ކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބެލެހެއްޓޭ ތަނެއްކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަނީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތްތަކުންވެސް މިކަންކަމަށް ބައްލަވާނެތީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް