މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި، އަދި އެ ފައުންޑޭޝަނެއްގެ މަތީގައި މި ޤައުމު ބިނާކުރާ އުސޫލަކީ ވެސް މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅިގެން މިރޭ މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވާހަކަދައްކަނީ ނަތީޖާއިން ކަމަށާއި، ހުރިހާ އެއްޗަކީ ވެސް ރައްޔިތުންނަށް ވަޢުދުތައް ފުއްދައިދީ، އޭގެ ފޮނިމީރުކަން ހޯދައިދިނުން ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތައް ތިން ބަޔަކަށް ބަހާލާނަމަ، އެއީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހުރިހާ ސިޔާސަތެއްގެ ވެސް މައިގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ތަރައްގީގެ މަޝްރޫޢުތައް، ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުން، ޒުވާނުން ބިނާކުރުން، އިގްތިސޯދު ތަރައްގީކުރުން އަދި އިގްތިސޯދީ ދުޅަހެޔޮކަން ޤައުމަށް ގެނައުން ވެސް ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށެވެ. ރައީސް ވިދާޅުވީ، ފަޚުރުވެރި އިސްލާމީ ހަޟާރަތެއް ގާއިމުކުރުމަކީ ހުރިހާ ދިވެހި ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށާއި، އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
”ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަދި ހުރިހާ ސިޔާސަތެއްގެ ވެސް މައިގަނޑަކީ މާތްވެގެންވާ އިސްލާމްދީން، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް މި ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުއެއް ވިޔަސް، ރައްޔިތުނަށްވީ ވަޢުދެއް ފުއްދުންކަަމަށް ވިޔަސް، ޒުވާނުން ބިނާކުރުންކަމުގައި ވިޔަސް އަދި އިގްތިސޯދު ތަރައްގީކުރުންކަމަށް ވިޔަސް، އިގްތިސޯދީ ދުޅަހެޔޮކަން ޤައުމަށް ގެނައުން ކަމުގައި ވިޔަސް ކޮންމެ ކަމެއްވެސް ފައުންޑޭޝަނަކީ، އަދި ފައުންޑޭޝަނެއްގެ މަތީގައި މި ފަޚުރުވެރި ޤައުމު ބިނާކުރާނެ އުސޫލަކީ މާތްވެގެންވާ އިސްލާމްދީން” ރައީސް ވިދާޅުވިއެވެ.
އިސްލާމްދީނަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުން ހިމެނޭކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށާއި، ދިވެހިން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައި ވެސް ޤުރުއާނަށް އިސްކަންދޭނެ، ތިލާވަތު ކުރާނެ، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރުމަކީ އެމަނިކުފާނު ފަޚުރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މި މަސައްކަތްތައް ތިން އަހަރަށް ބަހާލައިގެން، ރަށުގެ ކުޑަބޮޑު މިނަށް ބަލައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު