ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ “ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ.

މި މަސައްކަތުގެ ދަށުން ޖުމްލަ 189 ރަށުގައި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، 9048 މީހުންގެ ބައިވެރިވުން އެކި ގޮތްގޮތުން ހޯދިފައިވާ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ “ނެކްސިޔާ މޯލްޑިވްސް” އިން ބުނެއެވެ.

ޤައުމީ ތަރައްޤީގެ މި ޕްލޭނަކީ، ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ޤައުމު ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު އެކުލަވާލައި، ކުރިއަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ޕްލޭނެކެވެ. މި މަސައްކަތުގައި ހުރިހާ އެންމެން ޝާމިލްވުން ހިމެނޭގޮތުން މަސައްކަތް ކުރިއަށް ގެންދެއެވެ.

ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި “ކުރިމަގު ސައްލާ” ބައްދަލުވުންތައް ނިންމާލާފައި ވަނީ، ރޭގެ ނިޔަލަށެވެ. އެންމެ ފަހުގެ ބައްދަލުވުންތައް ރޭ ބާއްވާފައި ވަނީ މާލޭ ސަރަހައްދުން ހުޅުމާލޭގެ އިތުރަށް، ކ. ހިންމަފުށްޓާއި ހުރާ ގައެވެ. މި ބައްދަލުވުންތަކުގައި ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން ހޯދައި ޚިޔާލާއި މަޝްވަރާ އެއްކޮށްފައި އެވެ.

“ކުރިމަގު ސައްލާ” ބައްދަލުވުންތައް ނިމިފައިވީ ނަމަވެސް، ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި ވަށްމޭޒު ސައްލާތައް ބާއްވަމުން އަންނަ ކަމަށް ނެކްސިޔާ މޯލްޑިވްސް އިން ބުނެއެވެ. މި ސައްލާތަކުގައި ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ ޚިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. މިހާތަނަށް ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން ބާއްވާފައިވާ ކަމަށް ނެކްސިޔާ އިން ހާމަކުރެއެވެ.

މީގެ އިތުރުން، އަދިވެސް “ވިިލުންތެރި ރާއްޖެ 2045” އަށް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށް ނެކްސިޔާއިން ބުނެއެވެ. ރައްޔިތުންނަށް ދޭން ބޭނުންވާ ޚިޔާލާއި މަޝްވަރާ Resilient Maldives | ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލްއިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ކުޑަކުދިންނަށްވެސް ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް، ނޮވެމްބަރ 4ވަނަ ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު