މާދަމައިން ފެށިގެން ދިވެހި ސަރުކާރަށް ބައޯމެޓްރިކް ޑާޓާ ނުދީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓުކުރަމުންދާނެ ކަމުގައި ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއިން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ “ދިވެހީންގެ ރާއްޖެ” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން މަސައްކަތް ފެށިއިރު ރާއްޖޭގައި ތިބީ ކިހައި ބިދޭސީންނެއް ކަން ސަރުކާރަށް ނުވެސް އެނގޭ ކަމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައި ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރަނގި އޮޕަރޭޝަނުގެ ނަމުގައި ފެށި މަސައްކަތުގެ ތެރެއިން 191،723 ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށެވެ. ބިދޭސީން ތިބި އަދަދައި އުޅޭ ތަންތަން މިހާރު ސަރުކާރަށް އެނގޭ ކަމަށާއި، މާދަމާއަކީ ބައޯމެޓްރިކް ޑޭޓާ ދިނުމަށް އޮތް ފަހުގެ ތާރީހު ކަމަށެވެ.
“މާދަމައަށް މިހަަމަވަނީ މުއްދަތު. މާދަމާއާ ހަމަައަށް ރަޖިސްޓްރީނުވާ ނުވަތަ ބައޯމެޓްރިކްސް ނުދޭ ބިދޭސީއަކު ފެނިއްޖެއްޔާ މާދަމާ ނޫން އަނެއް ދުވަހު ފަށާ އޮޕަރޭޝަނުގެ ތެރެއިން ވަގުތުން ޑީޕޯޓުކުރާނެ،” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން ރެގިއުލަރައިޒްނުވާ ނުވަތަ ކުށްކުރާ މީހުންނާއި ނުގަވާއިދުން އުޅޭ މީހުން ހިމެނޭ ގޮތަށް 9021 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ސަރުކާރުގައި ޑީޕޯޓުކުރި ބިދޭސީންނަށްވުރެ 143 އިންސައްތަ އިތުރު އަދަދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަަށް އެންމެ މުހިއްމީ ބައޯމެޓްރިކްސް ނުދީ ތިބި ބިދޭސީން ހޯދުމުގައި ތިބޭފުޅުންގެ އެއްބާރުލުން ދިނުންނ. ތިބޭފުޅުންނަށް އެފަދަ މީހަކު މަގުމަތިން ނުވަތަ ރަށަކުން ފެނިއްޖެނަމަ އިމިގްރޭޝަންއާއި ފުލުހުންނަށް އެމައުލޫމާތު ދެއްވަންވީ. އެއިރުން އެމީހާ ހޯދާ ޑީޕޯޓުކުރާނަން،” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ގޭންގު ކުށްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ކުރިއާ އަޅާބަލާއިރު ގޭންގު ކުށްތައް 94 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު