މިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޑްރަގުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ޑްރަގުގެ ވަބާ އެކީ ނެތިކޮށްލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން މިރޭ އާޓިފިޝަލު ބީޗުގައި ކުރިއަަށްގެންދާ ބޮޑު އެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބުރާސްފަތިދުވަހު 500 އަށްވުރެ ގިނަ ފުލުހުން ނުކުމެ ހިންގި ބޮޑު އޮޕަރޭޝަނުގައި ޑްރަގުގެ ވިޔަފާރިކުރާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މި އޮޕަރޭޝަނަކީ ހުއްޓައިނުލައި ކުރިއަށްގެންދާނެ އޮޕަރޭޝަނެއް ކަމަށާއި، އުންމީދަކީ ދެން އޮތް މަރުހަލާވެސް އިންސާފުވެރިކަޮށް ކުރިއަށްގެންދެވުން ކަމަށެވެ. މި ސަރުކާރުން ރައްޔިތުންނާއެކު ކުރާ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ މިނިވަންކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާނޫނަށް ގެންނަ އިސްލާހުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރުމަށް މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްވާއިރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ ކަމަށެވެ.
“މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވާއިރު ޑްރަގު އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ،” ރައީސް ވިދާޅުވިއެވެ.
ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް ބޮޑު އަދަބު ދިނުމުގެ ބޭނުމަކީ ޑްރަގުގެ ވިޔަފާރި ހުއްޓުވައި ޑްރަގުގެ އަވާގައި ޖެހިފައި ތިބި ޒުވާނުންނަށް ފަރުވާދިނުމަށް ފޯކަސް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މިކަމުގައި ޒުވާނުން އުޅެން ބޭނުންފުޅުނުވާ ކަމަށެވެ.
މިސަރުކާރަކީ ޒުވާނުންނާއެކު އޮތް ސަރުކާރުކަމަށާއި، ކޮންމެ ޒުވާނަކީ މުޖުތަމައަށް ހިދުމަތްކުރުމުގެ ގާބިލުކަން ލިބިފައިވާ އަބުރުވެރި ޒުވާނަކަށް ހަދަން ސަރުކާރުން މަސައްކަތްކުރާތީ ބޭނުންފުޅުވަނީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު