ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މާލެއިން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ މާލޭގެ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު