ދެކުނު ޕޮލިސް ޑިވިޝަންގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 12 ނެޓްވޯކެއް ދެނެގަނެވިފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަ ހާމަކުރެއްވިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ފެށި ހާއްސަ އޮޕަރޭޝަން މިހާރު ވަނީ ހުވަދުއަތޮޅާއި، އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީ ހިމެނޭ ދެކުނުގެ 3 އަތޮޅަށް ފުޅާކުރެވިފައެވެ.
ސައުތު ޕޮލިސް ޑިވިޝަނުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެނެގަނެވުނު ނެޓްވޯކްތަކުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ސައުތު ރީޖަން ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްލިސް އަހުމަދު ޝަމީމް ވިދާޅުވީ، ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަންތަކަށް ފަހު މިހާރު އެ އޮޕަރޭޝަން ދެކުނު ރީޖަންގެ ބާކީ އައްޑޫބސިޓީ އާއި ހުވަދުއަތޮޅާއި ފުވައްމުލަކު ސިޓީއަށް ވެސް ފުޅާކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން “ވެށި ރައްކާ” ނަމުގައި ފުލުހުން ފުވައްމުލަކު ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރު ޖެނުއަރީ 14 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގެ މަގްސަދަކީ ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ފުވައްމުލަކުގައި ހަރަކާތްތެރިވި މަސްތުވާތަކެތީގެ ބޮޑު ދެ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އެ އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތްތައް ހުއްޓުވައި، އެކަމުގެ އަޑީގައި ތިބި ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ.
“އަޅުގަނޑުމެން މިހާތަނަށް ދެނެގަނެވިފައިވާ ނެޓްވޯކްތަކަށް ބަލާއިރު 12 ނެޓްވޯކަށްވުރެ ގިނަ ނެޓްވޯކް މި ދެކުނު ރީޖަންގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ލޯކަލް އިންވެސްޓިގޭޝަން ތެރެއިން އައިޑެންޓިފައި ކުރެވިފައި އެބައިން. އެފަރާތްތަކަށް އަމާޒުކޮށް ކުރާ މަސައްކަތް ކާމިޔާބީއާއި ހަމައަށް ދާނަން.” ޝަމީމް
ފުވައްމުލަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި މިހާރު އެ ސިޓީގައި ކުރިއަށްދާކަން ފުލުހުން ހާމަކުރެއްވިއެވެ. ފުރަތަމަ ފިޔަވަހީގެ ކާމިޔާބީއަށް ފަހު މިހާރު މަސްތުވާތަކެތި ހާމަކަން ބޮޑު ގޮތެއްގައި ނުވިއްކުނު ނަމަވެސް، ފޮރުވައިގެން ވިއްކަމުންދާ ކަމަށާއި އެކަމުގެ އަޑީގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ޖުމުލަ 112 ފަރާތެއްގެ މައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، 42 ފަރާތެއްގެ ބޭންކް ސްޓޭޓްމެންޓް ބަލައި، 22 ފަރާތެއްގެ ބޭންކް އެކައުންޓް ވަނީ ފްރީޒްކޮށްފައެވެ. މީގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު