ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު ރާއްޖެއިން އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. ވަޙީދު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު ރާއްޖެއިން އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިންކުރަންޖެހޭ ދަތުރު ކުރުވެ، ޚަރަދު ކުޑަވާނެ ކަމަށެވެ. އޭގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.
ރައީސް ޑރ. ވަޙީދު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވަމުންދާއިރު، ޑިމާންޑާ އެއްވަރަށް އެ ސަރަހައްދަށް ރިސޯޓާއި ގެސްޓްހައުސް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި މިކަމަށް ސަރުކާރުންނާއި ކައުންސިލްތަކުން އިންވެސްޓްމެންޓް ލުއިތައް ދޭންޖެހޭކަމަށް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.
“މި ސަރަހައްދުގައި އެއަރޕޯޓުން 40 މިނެޓަށްވުރެ ކުޑަ ރޭންޖެއްގައި 3000އަށް ވުރެ ގިނަ އެނދު ހުންނަން އެބަޖެހޭ. ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ޓޫރިޒަމަށް ހިތްވަރު ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ޓޫރިޒަމަށް އިންވެސްޓްކުރާ މީހުންނަށް ކައުންސިލްތަކުން އިންސެންޓިވްއެއްދީ ލުއިތައް ދީ އެހީތެރިވުން އެއީ ވަރަށް މުހިންމު ކަމެއް.” ރައީސް ޑރ. ވަޙީދު
ރައީސް ޑރ. ވަޙީދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އަދި ސަރަހައްދުގައި ދަތުރުފަތުރުގެ ލުއިކަން ހޯދައިދިނުމަށްވެސް މަސައްކަތްތަކެއްކުރަމުން އަންނަކަން ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު