ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކާއިއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ 46 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވާފައިވާއިރު އެ ކޮމިޓީންވެސް ފާސްކުރީ ބިލު ފާސްކުރުމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އެވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ޙައްޤުތައް ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށް އިސްލާހު ގެނެސްފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލެއް ހުށަހެޅުއްވީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާން ކުރުމަށް ކަމަށް ބިލުގައިވެއެވެ. ސަސްޓެއިނަބަލް ޓައުންޝިޕަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ޤާނޫނުގައި ބަޔާންކުރާ ވަޞީލަތްތަކާއި، ޚިދުމަތްތަކާއެކު ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަޞީލަތްތަކާއި، ޚިދުމަތްތަކާއި، ޢާންމު ބޭނުންތަކުގެ ވަޞީލަތްތައް ޤާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދިނުމުގައި ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެސްއީޒެޑުގައި ކުރާ އިންވެސްޓްމެންޓަކީ، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށްވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރާ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން، ފުރަތަަމަ 10 އަހަރަށް 5 އިންސައްތައިގެ ރޭޓުން ޓެކްސް ނެގުމަށާއި 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުން ޓެކްސް ނެގުމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނެގުމަށާއި ޒޯން ތަރައްޤީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އިނާޔަތްތައް ދިނުމަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު