މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.
މި ބަދަލުތައް އާންމުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ޖޮބް މެޓްރިކްސްގެ ތެރެއިންނެވެ.
އާންމުކުރި ޖޮބް މެޓްރިކްސްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ވިޔަފާރި އާއި އެޑްމިނިސްޓްރޭޓިވް ދާއިރާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ، ލީގަލް އަދި ކަލްޗާގެ ދާއިރާގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް ހިމެނެއެވެ.
މި ބަދަލުތަކުގެ ތެރޭގައި ހިމެނޭ މުވައްޒަފުންގެ ތެރޭގައި އެކައުންޓެންޓުންނާއި ފިސްކަލް އެނަލިސްޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި އާކިއޮލޮޖިސްޓުންނާއި އިކޮނޮމިސްޓުންގެ އިތުރުން މީޑިއާ ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ. އަދި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިފައިންނާއި އޭވިއޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެންނަ ބަދަލުތައްވެސް މި މެޓްރިކްސްގައި ހިމަނާފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މުސާރަ ބޮޑުކުރަނީ ހުރިހާ މަގާމެއްގެ މުސާރަ އެއްހަމަކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން، މި އަހަރު މުސާރަ ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު