ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފިއެވެ.
މިއީ މާދަމާ އިން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ “ޖެނެރޭޝަނަލް ބޭން” އާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
“ނެޝަނަލް ޓޯޗް ރަން” މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ.
މި ހަރަކާތުގައި ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ.
މި ދުވުމަކީ ދުންފަތުގެ ނުރައްކާތެރިކަން އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
“ނެޝެނަލް ޓޯޗް ރަން”ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ހާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު