ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސިޔާސީ ވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މިއަދު އެކަމަށް ރައްދު ދެއްވައިފިއެވެ.
“ދިވެހިންގެ ބޭންކް މުޅި ރާއްޖެ އަށް” ގެ ނަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ލުއި ފަސޭހަތައް ސަރުކާރާ ގުޅިގެން ފޯރުކޮށް ދޭން ކަމަށެވެ.
އެގޮތުން އެކި ކަންކަމަށް ރައްޔިތުން ބޭނުންވާ މާލީ ފެސިލިޓީތައް ފޯރުކޮށް ދިނުމާއި ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުން ފަދަ ކަންކަމަކީ ސީދާ ރައްޔިތުންގެ މަންފާ އާއި ލާބަ ކުރަމުން އަންނަ ކަންކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ކުރަމުން އަންނަ މިފަދަ މަސައްކަތްތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން، ބޭންކް ސިޔާސީ ވެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެެއް ނޫން ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
“ބޭންކު ސީޔާސީވެއްޖެކަމަށް މަދު ބަޔަކު ދައްކާ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން.” ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންކު ރެވޭ ޑޮލަރު ލިމިޓް އިތުރުކުރުން، ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުރުކުރުމާއި ގެދޮރު ގަތުމަށާއި އިމާރާތް ކުރުން ފަދަ އާންމު ފަރުދުންގެ ބޭނުންތަކަށް ފައިނޭންސް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައި ދިނުމާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރުމަކީ ސިޔާސީވުމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން އަދާކުރަނީ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު