ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕުގެ ސެމީ ފައިނަލުގައި އެސްޓީއޯ އަތުން 2-0 އިން ބަލިވެ, މުބާރާތުން ކެޓި ކަމުގައިވިޔަސް އެމްޕީއެލްގެ ޓީމުން ދެއްކި ހިތްވަރަށް ސަޕޯޓަރުން އަންނަނީ ތައުރީފުކުރަމުންނެވެ.
ފުޓްސަލް ސަޕޯޓަރުންގެ ތައުރީފުގެ ބަނދިތަކުގެ ހަމައެކަނި ހައްގުވެރިންނަކީ ދަނޑުމަތީގައި އެމްޕީއެލް ތަމްސީލު ކުރި ކުޅުންތެރިން އެކަންޏެއް ނޫނެވެ. ފަހު ސިކުންތާ ޖެހެންދެން ޓީމަށް ހިތްވަރު ދިނުމަށް ޓަކައި އަޑު އުފުލަމުން ދިޔަ ސަޕޯޓަރުންގެ ހިއްސާ ވެސް ޓީމުގެ ކާމިޔާބީގައި ވަރަށް ބޮޑެވެ.
ތިން ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެމްޕީއެލް މި ފަހަރުގެ މުބާރާތަށް ވެސް ނިކުތީ, ތަށި ނެގޭނެ ފެންވަރު ހުރި ޓީމަކާއެކީއެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް, ސެމީ ފައިނަލާ ހަމައަށް ދިޔައިރު ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ އެންމެ މުހިއްމު ދެ ފޯވާޑުންނަށް އަނިޔާ ވެފައިވުމެވެ.
މުބާރާތުގައި އެތައް ލަނޑެއް ކާމިޔާބު ކުރަމުން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެމްޕީއެލްއަށް ވަނީ, އެސްޓީއޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ދެ ފޯވާޑުން ނެތުމުގެ ސަބަބުން ލިބޭ ފުރުސަތުތައް ގޯލަށް ވެއްދޭ ގޮތް ނުވެފައެވެ.
ނަމަވެސް އެ މެޗުގައި އެމްޕީއެލްއިން ވަނީ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު އެލުވާނުލައި ކުޅެފައެވެ. އެ ގޮތުން ޓީމަށް ލަނޑެއް ޖެހުމަށް އެހީވެދިނުމަށް ޓަކައި މެޗުގެ ފަހު ވަގުތު އެ ޓީމުގެ ގޯލްކީޕަރު ފާތިހު ވެސް ވަނީ ކުޅުމާ ބައިވެރިވެ, ގޯލެއް ޖަހަން މަސައްކަތް ކޮށްފައެވެ.
އެސްޓީއޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ އެދެވޭ ނަތީޖާއެއް ނުލިބުނު ކަމުގައިވިޔަސް ޓީމަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކީ އެ ޓީމުން ދެއްކި ހިތްވަރާއި ނުގުޑާ އަޒުމު ބަލައިގަންނަން އެތައް ސަޕޯޓަރުންނެއް ދަނޑު ވަށާލައިގެން ތިބި ކަމެވެ. އެ ގޮތުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެމްޕީއެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ މުހައްމަދު ރިޝްވާން ވެސް ވަނީ ޓީމަށް ހިތްވަރު ދިނުމަށް ޓަކައި މެޗު ބަލަން ގޮސްފައެވެ.
ސެމީ ފައިނަލުން ބަލިވެގެން ދަނޑުން ފައިބަން ޖެހުނު ކަމުގައިވިޔަސް ޓީމުގެ ކުޅުންތެރިންގެ މޫނަށް ހިނިތުންވުން ގެނެސްދިނީ, ފަހު ވަގުތާ ޖެހެންދެން ހަރުއަޑުން ‘އެމް.ޕީ.އެލް އެމް.ޕީ.އެލް’ ގޮވާލައި ގޮވާލައި ތިބި ހީވާގި ސަޕޯޓަރުންނެވެ. ޓީމުގެ ހަވަނަ ކުޅުންތެރިޔާގެ ދައުރު އެމްޕީއެލްގެ ސަޕޯޓަރުން ކުޅެދިނީ ދެވަނައެއް ނެތްހާ މޮޅަށެވެ.
ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕުގައި މި ފަހަރު ވެސް 40 ޓީމު ވަނީ ބައިވެރިވެފައެވެ. މި ހުރިހާ ޓީމެއް ތެރެއިން ގަދަ ހަތަރަކާ ހަމައަށް ދަތުރުކުރެވުމަކީ ދެން އަންނަ އަހަރުގެ މުބާރާތުގައި ބަދަލު ހިފުމުގެ ރޫހުގައި ނިކުންނަން ލިބިގެންދާނެ ހިތްވަރެކެވެ.
ކިޔުންތެރިންގެ ހިޔާލު