ކ. ތިލަފުށިން ލޯންޗެއް ވަގަށް ނެގިކަމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު އަދި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށްފަހު، އެ ލޯންޗަށް ގެއްލުންދީ، ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނެގިކަމުގެ ތުހުމަތު އެ ދެ މީހުންނަށް ކުރެވޭ ކަމަށެވެ.
ހަސަން ރަޝީދާއި އިބްރާހިމް މަމްދޫހު ވަނީ އެ ތުހުމަތުތަކަށް އިއުތިރާފުވެފައިކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެހެންވެ ބަންދު މަޖިލިސް ބެއްލެވި ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ހަސަން ރަޝީދާއި އިބްރާހިމް މަމްދޫހަށް ލިބިގެންވާކަން އަންގައިފައެވެ.
އެ ދެ މީހުންނަކީ ބަންދު ރިކޯޑެއް އޮންނަ ބައެއް ނޫންކަމަށް އަމުރުގައި ބަޔާންކޮށްފައެވެ.
ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.
ކިޔުންތެރިންގެ ހިޔާލު