ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްބީއައި ފޮނުވޭ ޑޮލަރު ލިމިޓު 150 އަށް ކުޑަކުރުމުން ހައި ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

SBI

މިމަހު 25 އިން ފެށިގެން އެސްބީއައި މޯލްޑިވްސްއިން ބޭރަށް ފައިސާ ފޮނުވޭ މިންވަރު 400 ޔޫއެސް ޑޮލަރުން 150 ޔޫއެސް ޑޮލަރަށް ދަށްކުރާތީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުުނު ބަޔާނެއްގައި ބުނީ އެކައުންޓް ހޯލްޑަރުންނަށް އެ ބޭންކުން ފޮނުވި މެސެޖުގައި ޑޮލަރުގެ ދަތިކަން ހުރުމުގެ ސަބަބުން ވަގުތީ ގޮތުން ޑޮލަރު ލިމިޓް ކުޑަކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ހާއްސަކޮށް ދިވެހި ރުފިޔާއިން މުސާރަ ލިބޭ ފަރާތްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ސީރިއަސް މައްސަަލައެއް ގޮތަށް ބަލައި، ރެމިޓެންސްގެ ގޮންޖެހުންތައް ހައްލުކުރުމަށާއި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް އެކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އެމްއެމްއޭ އަދި ކަމާބެހޭ ދިވެހި އިދާރާތަކާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. އެގޮތުން މި ހަފްތާގެ ތެރޭގައިވެސް އެފަދަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

އޭގެއިތުރުން މިިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޔޫޕީއައި ތައާރަފުކުރުމާއި، ރުޕޭ ކާޑުގެ ބޭނުންކުރުން އިތުރުކުރުމާއި، ރާއްޖޭގެ އެކި ބޭންކުތަކުގައި އިންޑިއާ ރުފިޔާ އެކައުންޓް ހުޅުވުން ފަދަ އެހެނިހެން ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

އަދި އެކަންކަން ހަމަޖެހެންދެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުން ގައުމަށް ފައިސާ ފޮނުވުމުގެ ކަންކަން ރާވައި ވަޒީފާދޭ ފަރާތްތަކުން މުސާރަ ޔޫއެސް ޑޮލަރުން ދިނުމަށް ބާރުއަޅައި އެސްބީއައި މޯލްޑިވްސްގެ ޑޮލަރު ލިމިޓްތަކާއި ޓައިމްލައިންތަކަށް ގަވާއިދުން ޗެކްކުރުމަށް އަދި ރަސްމީ އިއުލާންތައް ގަވާއިދުން ބަލައި ޗެކު ކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.

އެ ކޮމިޝަނުން ބުނީ އެކަމުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ޑައިސްޕޯރާ މެންބަރުންނަށާއި އިންޑިއާގައި ތިބި އެ ފަރާތްތަކުގެ އާއިލާ މެންބަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެކަންތައްތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު