ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން މި ސަރުކާރުން ފެށީ އެކަން ނުކޮށްފިނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެތީ ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އުޝާމް ވިދާޅުވީ އޭނާ ސަރުކާރަށް ލަފާދިނީ ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު އެކަން ކުރިއަށްގެންދަން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބެސްޓިނެޓާއެކު 2016 ގައި ހެދި އެއްބަސްވުމަށް އަމަލުނުކުރަން ނިންމީ 2023 ވަނަ އަހަރު ކުރީގެ ރައީސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އާ އެއްބަސްވުމެއް ހަދައި އެކަން ކުރިއަށް ނުގެންގޮސްފިނަމަ އެ ކުންފުނިން ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހަޅައިފިނަމަ ދައުލަތުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދިނުމަށް ހުކުމް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ އެ ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅިނަމަ އެކަމަށް ވެސް ދައުލަތުން ބޮޑު ހަރަދެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
“އެހެންކަމުން މި މުއާމަލާތުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޝަރުއީ މަރުހަލާއަށް ގޮސްފި ކަމަށްވަނީނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެ ފަރާތަށް ނަގާދިނުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު.” އުޝާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު