ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ފަށަނީ

އެކިއެކި ރަށްރަށުގެ ބިން އެއް ފަހަރާ ހިއްކޭނެ ގޮތް ހެދުމަށް ރާއްޖެއިން ބޭރުން ޑްރެޖަރު ގެނެސް އެއް ފަހަރާ މަސައްކަތްތައް ފަށަން ރާވާފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ޕްލޭން ކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު، އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ށ. ފުނަދޫގައި އޮންނަ އެއާޕޯޓު އެކަންޏެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފައެވެ.

ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގަނީ އެމަނިކުފާނު ވައުދެއް ވެވަޑައިގެންފައި އޮތީމަ، އެ ކަމެއް ފަށާފައި ދެން އެ މަޝްރޫއެއް ހުއްޓޭނެ ފަދަ ގޮތަކަށް ނޫން ކަމަށާއި މަޝްރޫއުތައް ރަށްރަށުގައި ހިންގަނީ ރަނގަޅަށް ތަންފީޒުވެގެން ދާނެ ގޮތަށް ތަރުތީބުކޮށްގެން ކަމަށެވެ.

“ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެ ކިހިނެއްތޯ މި ހުރިހާ ބިން ހިއްކުމެއް ކުރިއަށް ގެންދާނީ އެއްފަހަރާ.” އެއާޕޯޓު އެޅުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގިނަ މަޝްރޫއުތަކެއް ހަވާލުކުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ހުރިހާ ކަމެއް ކުރަނީ، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ޓެކްނިކަލީ، އިދާރީ އަދި ފައިސާގެ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމަށް ފަހުގައި ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ދެތިން މަސް ތެރޭގައި ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏެއް މެދުވެރިކޮށް ޑްރެޖަރު ގެނައުމަށް އެމްއޭސީއެލް މެދުވެރިކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސް ނިމޭއިރު އޭގެ ތެރެއިން އެއް ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެއީ ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖިން މަސައްކަތް ކުރާ ޑްރެޖަރެއް. އެ ޑްރެޖަރު ދާނީ ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން މަސައްކަތް ފެށި ތ. ވިލުފުށީގެ އެއާޕޯޓު ބިން ހިއްކަން.” ރައީސް ވިދާޅުވިއެވެ.

“ދެން އަންނަ މަހުގެ މެދަކާ ހިސާބުން 15 ނުވަތަ 20 ހިސާބުން، ތިން ވަނަ ހަފްތާގެ ތެރޭގައި އަންނާނެ 45،000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު އައިސް އޭގެ މަސައްކަތް ފަށާނެ ރަސްމާލޭގައި،”

ރައީސް ވިދާޅުވީ ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށާއި އެއީ ވެސް 45،000 ޓަނުގެ ޑްރެޖަރެއް ކަމަށެވެ. އެ ޑްރެޖަރު ފުރަތަމަ ދާނީ ހއ. ދިއްދޫއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ގިނަވެގެން ދެ ތިން ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށް ފަހު، އެ ޑްރެޖަރު ކޮމަންޑޫ، ބިލެތްފަހި އަދި މިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ށ. އަތޮޅުގެ މަސައްކަތް ނިންމުމަށް ފަހު، މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލްއިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގިރާވަރާއި އުތުރުތިލަފަޅު ފަދަ ތަންތަން ހިއްކުމަށް އަންނަ ޑްރެޖަރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ ހުރިހާ ކަމެއް ތައްޔާރުވީމަ، އައިސް މި ސޮއިކުރަނީ.” ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށިއިރު، މި މަޝްރޫއުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ބިން ހިއްކާ ސަރަހައްދުގެ ބަންޑްވޯލް ޖެހުމުގެ މަސައްކަތް ފެށިއިރު، ރައީސް ވިދާޅުވީ އެކަން ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ވެސް ގިނަވެގެން އަށް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

ވަޤުފް މަޝްރޫޢު ފެށުމަށް ރައީސް ނިންމަވައިފި

TTH_advertisement