އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު ގައިދީން މިނިވަން ކުރަން ފަށައިފިއެވެ.
ފަލަސްތީނުގެ ގައިދީން މިނިވަންކުރަން މިފެށީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ 20 ގައިދީން މިއަދު މިނިވަން ކުރުމާ ގުޅިގެންނެވެ.
މިއީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރެވޭ ކަމެކެވެ.
ފަލަސްތީނު ގައިދީން މިނިވަންކުރަން ފަށާނީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލު ގައިދީންގެ ތެރެއިން ދިރިތިބި 20 މީހުން ފުރަތަމަ މިނިވަން ކުރުމުން ކަމަށް އިސްރާއީލުން އޮތީ ބުނެފައެވެ.
ހަމާސްއިން އިސްރާއީލު ގައިދީން ހަވާލުކުރީ ރެޑް ކްރޮސްއާއެވެ.
ބަދަލުގައި ފަލަސްތީނުގެ 1،700 ގައިދީން މިނިވަން ކުރަން އިސްރާއީލު އެއްބަސްވެފައި ވާއިރު، މިނިވަންކުރާ މީހުންނަށް މަރްހަބާ ކިޔަން ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއަށް އެތައްހާސް އާންމުން ޖަމާވެފައި ވެއެވެ.
އަދި ބަސްތަކުގައި ގައިދީން މިހާރު އެ ތަނަށް ގެންނަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް އާންމުކުރަމުން ގެންދެއެވެ.
އިސްރާއީޅުގެ ޕާލަމެންޓްގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ދެއަހަރަށްފަހު އިސްރާއީލުގެ ގައިދީން މިނިވަން ކުރެވުމަކީ ތާރީޚީ ކަމެއްގެގޮތުގައި ސިފަކޮށްފައެވެ.
އަނެއްކޮޅުން، ޣައްޒާ މީޑިއާ އޮފީހުގެ ފަލަސްތީނު ގައިދީންނާބެހޭ ޑިރެކްޓަރ ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވުމާއި، ފަލަސްތީނު ގައިދީން މިނިވަން ކުރެވުމަކީ ފަލަސްތީނު ރައްޔިތުންނަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު