ކުއްލި ޚަބަރު

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

ނަފްސާނީ ސިއްހަތު ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގައި އިސްކަންދެއްވާނެ: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގެއް ކަމަށާއި، ނަފްސާނީ ސިއްހަތު ކަށަވަރު ކުރުމަށް މި ސަރުކާރުން ގައުމީ ފެންވަރުގައި ވަރަށް އިސްކަންދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ “އެކްސް” އެކައުންޓުގައި ހިއްސާ ކުރެއްވި މެސެޖެއްގައި އެމަނިކުފާން ވިދާޅުވީ ކާރިސާގެ ވަގުތުތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ބޮޑު ކަމަށެވެ.

މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރަކީ “އިންސާނީ ކާރިސާގެ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން” މިއެވެ. މި ޝިޢާރަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނީ ކާރިސާގެ ހާލަތްތަކުގައި ދިރިއުޅެން ޖެހިފައިވާ މީހުންނަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިވުމަށް އަވަސް ފިޔަވަޅުތަކެެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ޚާއްސަކޮށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ. ޚާއްސަކޮށް މޫސުމީ ކާރިސާތަކާއި ސިއްހީ ގޮތުން ދިމާވާ ކަންކަމާ އަދި އިންސާނީ ކާރިސާގެ ވަގުތުތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިއްމަވާލައްވާފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި ޢާއިލާތައް އަދި ގައުމުތަކުގެ ވެސް ބިންގާ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މިސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 24 ގަޑިއިރުގެ ހެލްޕްލައިން ޚިދުމަތެއް ގާއިމުކޮށްފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، މުޅި ރާއްޖޭގައި ފަސޭހައިން ފަރުވާ ލިބޭނެ ގޮތް އެކަށައެޅުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދީތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ހިތާދޫ ބަނދަރުގެ 91 ޕަސެންޓު މަސައްކަތް ނިންމައިފި

MMA

ކައުންޓަރެއް ނެތަސް ޑޮލަރު މާރުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

uthama fadiyaaru

ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

TTH_advertisement