ފައިސާ މާރުކުރުމަށް ކައުންޓަރުތަކެއް ނެތް ނަމަވެސް، އެއް ވިޔަފާރިން އަނެއް ވިޔަފާރިއަށް ފައިސާ ޖަމާކުރެވޭނެ ގޮތަށް “މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދު” އިސްލާހުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދަށް ގެނައި އިސްލާހު ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގައިވާ ގޮތުން ޓިއާ 1 މަނީ ޗޭންޖިން ލައިސަންސްގެ ދަށުން ދެ ކެޓަގަރީއެއްގެ ވިޔަފާރި ކުރެވޭނެއެވެ.
ކެޓަގަރީ އޭ – އާންމުންނަށާއި، ވިޔަފާރިތަކަށާއި، އެހެންވެސް ފަރާތްތަކަށް އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން
ކެޓަގަރީ ބީ: ވިޔަފާރިތަކަށް އެކަނި އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން
ގަވާއިދުގައިވާ ގޮތުން އިތުރު ތަނެއްގައި ނުވަތަ ކައުންޓަރު ނޫން އެހެން ގޮތަކަށް ފައިސާ މާރުކުރުމުގެ ހުއްދައަށް އެދޭ ނަމަ 40،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ. ގަވާއިދުގައިވާ ގޮތުން އެ ފީއަކީ ހުއްދަ ދޫނުކުރާ ހާލަތެއްގައިވެސް އެ ފަރާތަކަށް އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ. ގަވާއިދުގައިވާ ގޮތުން ހުއްދަ އާ ކުރަން ހުށަހަޅާއިރު، އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 20،000 ރުފިޔާ ދައްކަންޖެހޭނެއެވެ.
ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ދިނުމުގެ ދާއިމީ ތަން ނުވަތަ ނުވަތަ އިތުރު ތަނަކަށް ބަދަލުކުރި ނަމަވެސް އެޑްރެހަށް ބަދަލެއް އައިސްފި ނަމަ އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި ގަވާއިދުގައިވާ ގޮތުން ޓިއާ 1 ގެ ދަށުން މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ އެމްއެމްއޭއަށް ދައްކަންޖެހެއެވެ. އަދި ހުއްދަ ދޭ އިތުރު ކޮންމެ ތަނަކަށް 24،000 ރުފިޔާގެ އަހަރީ ފީއެއް ދައްކަން ޖެހޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
އިތުރަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ކެޓަގަރީ އޭ ވިޔަފާރިކުރުމަށް ޓިއާ 1 ގެ ދަށުން ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެ އަދަަދަށް ވާ ބޭރު ފައިސާގެ އަދަދަކަށް ކަމަށެވެ. ގަވާއިދުގައިވާ ގޮތުން އިތުރަށް ފައިސާ މާރު ކުރާ ނަމަ އެ މުއާމަލާތްތައް ކުރަން ޖެހޭނީ ބޭންކް އެކައުންޓްތައް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު