އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެ އާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ ކަމެއް ކަމަށާއި އަދި އެއީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެފަދަ، ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށެވެ.
“މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ މަދަރުސާތަކުގައި. ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމަކުން. އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި،” ރައީސް
ރައީސް ވިދާޅުވީ ހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.
ރައީސް ވަނީ ޓީޗަރުން ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވައި ކޮންމެ އެދުރެއްގެ އާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުއާކުރައްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު