ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުގެ މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. އުދައްޔު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ޝަރަފްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވި އެވެ. އެކަމަކު އޭނާ އެހެން މީހަކާ މެދު މާރާމާރީ ހިންގާފައިވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
އުދައްޔު މަރާލުމަށް ހަމަލާދީފައި ވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ ކަމަށް ވިޔަސް އޭނާއަށް އެހީތެރިވުމުގައި މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށް ހުކުމްގައިވެއެވެ. އެހެންވެ، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވާ ކަމަށް ކޯޓު ނިންމިއެވެ.
އުދައްޔުގެ މަންމަ އާއި ބައްޕަ ކޯޓްގައި ބުނެފައި ވަނީ ގާތިލުންގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން މީގެކުރިން ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު