ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކީ ނަތަންޔާހޫގެ މެންޑޭޓްތެރޭގައި ހިމެނޭކަމެއް ނޫން: އިސްރާއީލު ކެބިނެޓް

އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގްވީރް:

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކީ ބޮޑުވަޒީރު ނަތަންޔާހޫގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ، ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ހަރުކަށި ބައެއް ވަޒީރުން އަޑުއުފުލަން ފަށައިފިއެވެ.

އެމީހުން ކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައި މިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި 21 ނުކުތާ ހިމެނޭ  ޕްލޭނާ ގުޅިގެންނެވެ.

މި ޕްލޭންގައި، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ މަސައްކަތަށް ދިއުމުގެ މަގެއް ހިމަނާފައިވެއެވެ.

ނަމަވެސް، ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ދުރު ކަނާތުފިޔައިގެ ނޭޝަނަލް ޒަޔަނިސްޓް ޕާޓީއާއި، ޖުއިޝް ޕަވަރ ޕާޓީން މިހާރުވެސްވަނީ، ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ހަދާފައެވެ.

ކެބިނެޓްގައި ހިމެނޭ ޔިޒްހަކް ވަސަރލައުފް ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކީ ނަތަންޔާހޫއަށް ނިންމޭނޭ ކަމެއް ނޫން ކަމަށާއި، އިސްރާއީލުން ޣައްޒާގައި ފެށި ކަންތައް “ނިންމާލަންޖެހޭ” ކަމަށެވެ.

ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގްވީރް އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫއަށް ބުނެފައިވަނީ، ހަމާސް އެއްކޮށް ނައްތާލާފައިނޫނީ، ހަނގުރާމަ ނިންމާލުމުގެ އެއްވެސް މެންޑޭޓެއް ބޮޑުވަޒީރަށް ނެތްކަމަށެވެ.

ހަރުކަށި ފައިނޭންސް މިނިސްޓަރ ސްމޮރިޗް ބުނެފައިވަނީ، އޭނާ ދެކެން ބޭނުންވަނީ ހަމާސް ބަލިކޮށް، އިސްރާއީލުގެ ގައިދީން މިނިވަންކުރެވި އަނބުރާ އިސްރާއީލަށް ގެނެވޭތަން ދުށުމަށް ކަމަށެވެ.

ހަމަ އެއާއެކު، ކިތަންމެ ބޮޑު އަގެއް ދައްކަންޖެހުނަސް، ކިތަންމެ ދުވަހެއް ނެގިޔަސް އަދި ކިތަންމެ އުނދަގޫ ހާލަތެއް މެދުވެރިވިޔަސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ހެދުމަށް އެއްބަސް ނުވާނޭ ކަމަށް، ސްމޮރިޗް ބުނެފައި ވެއެވެ.

އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެވަނީ، ޣައްޒާ ހަނގުރާމަ ހުއްޓުވަން އައު ޕްލޭނެއް ހުށަހަޅާފައެވެ. ޓްރަމްޕް ބުނަމުންދަނީ މިފަހަރު އެކަން ކުރެވޭނޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިހާރު ނިއުޔޯކްގައި ހުރި މުޖުރިމު ނަތަންޔާހޫއާ ޓްރަމްޕް ހޯމަދުވަހު ބައްދަލުކޮށް، އައު ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް އައު ހުށަހެޅުމެއް އެމީހުންނާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށާއި، އެފަދަ ހުށަހެޅުމެއް އަތުވެއްޖެނަމަ އެކަމާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ