ނުކުޅުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އާންމުކޮށްފިއެވެ.
މި މިންގަނޑުގެ މަގްސަދުތަކުގެ ތެރޭގައި ނުކުޅުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއަށް ހޮވުމާއި ޢައްޔަނުކުރުމުގައި އިންސާފުވެރި ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމާއި، ނުކުޅުންތެރިކަން ހުންނަ މީހުން ތަފާތު ނުކުރުމާއި، ވަޒީފާގެ ހަމަހަމަ ޙައްޤުތަކާއިގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ވަޒީފާދޭ ތަންތަން ހޭލުންތެރިކުރުމާއި، ޢަމަލުކުރަން ބާރުއެޅުން ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނެރުމަކީ ވެސް މި މިންގަނޑުގެ މަޤްޞަދެކެވެ.
މި މިންގަނޑުގައި ވަޒީފާކަށް ޢިއުލާންކުރުމުގައި މަގާމު ސާފު ބަހުން އޮތުމާއި، މަގާމަށް ކޮންމެހެން ބޭނުންވާ އެންމެ އަސާސީ ޝަރުޠުތައްބަޔާންކުރުމާއި، ވަޒީފާ ބަޔާން ތައްޔާރުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަމާއި، މަސައްކަތްކުރަންޖެހޭ ތަނުގެ ސާފު މައުލޫމާތު ހިމަނާފައި ހުރުމާއި އަދި ވަޒީފާ އަދާކުރުމުގައި ދެވޭނެ ފްލެކްސިބިލިޓީތައް ބަޔާންކުރުންފަދަ ކަންކަން ހިމަނާފަވެއެވެ.
ނުކުޅުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު
މި މިންގަނޑުގައި ވަޒީފާއަށް ކޮންމެހެން ފުރިހަަމަކުރަންޖެހޭ އިޖުރާޢަތްތަކުގެ ތެރޭގައި ސްކްރީނިން މަރުހަލާއާއި، އިންޓަވިއުކުރުމުގެ މަރުހަލާއާއި، ޕްރެކްޓިކަލް ދިނުމާއި އަދި މާކްސް ދިނުމުގައި ރިއާޔަތްކުރަންވާނެކަންކަން ވަނީ ހިމަނާފައެވެ.
މި މިންގަނޑުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދިނުމުގައި ޢަމަލުކުރެވޭނެގޮތްތަކާއި އަދި ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބަޔާންކޮށްފައި ވެއެވެ.
މި މިންގަނޑު ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރުމާއެކު މި މިންގަނޑަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
މީގެ އިތުރުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ވަނީ މި މިންގަނޑާއި ގުޅުންހުރި ދެ ޤަވާޢިދެއްވެސް އާންމުކޮށްފައެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލުގައި ޝާމިލްކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑެވެ.
ކިޔުންތެރިންގެ ހިޔާލު