ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދަކުން ވަނީ ކޮންމެ ރަށެއްގައި ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ވަނީ ފަށައިދެއްވާފައެވެ.
މީގެއިތުރުން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމީ، ޞިއްޙީ އަދި އިޤްތިޞާދީ ދާއިރާތަކާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ވަނީ ނިންމަވާފައެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާގެ ބިނާވެށި ތަރައްޤީކުރެއްވުމަށް ރޭވިފައިވާ މަސައްކަތްތަކާއި، ބޭންކިންގ ދާއިރާއިން ގެންނަން ނިންމަވާފައިވާ މުހިންމު ބަދަލުތައް ވަނީ އިޢުލާންކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު