ރަށްރަށުގެ ކައިރީގައި އޮންނަ ރިސޯޓުތަކުން ދާއިމީ މަންފާއެއް، އެ ރިސޯޓުގެ ފަޅުތެރޭގައި ނުވަތަ އެ ރިސޯޓާ އެންމެ ކައިރީގައި އޮންނަ ރަށެއްގެ ކައުންސިލަށް ލިބޭނެ ފުރުސަތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކައުންސިލްގެ އިހްތިސާސްގައި އޮންނަ ރަށެއްގައި ރިސޯޓު ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.
“ގާނޫނުގައި މި އޮންނަނީ އިހްތިސާސްގެ ތެރޭގައި ފަޅުރަށެއް އޮތަސް، އެރަށް އިހްތިސާސްގެ ތެރޭގައި ބާއްވައިގެން ރިސޯޓެއް ތަރައްގީއެއް ނުކުރެވޭނެ ކަމަށް، އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއްވެސް އަދި ނޯމަލް ރިސޯޓެއްވެސް ނުގެންދެވޭ، އިހްތިސާސުން ވަކިކޮށްފަ ދެން އިންވެސްޓަރެއް ހޯދައިގެން ރިސޯޓެއް ހެދިދާނެ،”
ނަމަވެސް ކައުންސިލްގެ އިހްތިސާސް ތެރޭގައި އޮންނަ ރަށްރަށުގައި ގެސްޓްހައުސް އާއި ސިޓީހޮޓާ ހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެެ.
“އެހެނެއްނޫން ސިޓީހޮޓާ ކަހަލަ ގެސްޓްހައުސް ޓޫރިޒަމް މިކަހަލަ ކަންތައް ކުރެވޭނީ، ރިސޯޓުތަކެއް ނުހިންގޭ އެއީ ގާނޫނުގައި އެެހެން އޮންނާތީ، އެއީ ޓޫރިޒަމް އިންޑަސްޓްރީ ހިމާޔަތް ކުރުމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ކުރިއަށް ގެންދިއުމަށް،”
ރައީސް ވިދާޅުވީ ކައުންސިލްގެ އިހްތިސާސުން ވަކިކޮށްގެންވެސް ރަށެއްގައި ރިސޯޓު ތަރައްގީކޮށްފިނަމަ، އެކަމުގެ އެންމެ ބޮޑު ފައިސާ ލިބޭނީ، އެ ކައުންސިލާއި އެކައުންސިލްގެ ދަށުގައި ހިމެނޭ ރައްޔިތުންނަށް ކަމަށެވެ.
“މިތާ ކައިރީގަ އޮތީމަ އެންމެ ފައިދާވާނެ ވަޒީފާގެ ގޮތުންނާ އެހެން ގޮތްގުތުން،”
ނަމަވެސް ކައުންސިލްތަކުން ބަލަނީ، އިހްތިސާސްގެ އެގްރީމެންޓް ތެރޭގައި ހިމަނައިގެން ކައުންސިލަށް އެ ރިސޯޓުން ވަކި އިންސައްތައެއްގެ ފައިދާއެއް ލިބޭގޮތް ހަދަން ކަމަށްވެސް ވިދާޅުވިއެވެ.
“ގާނޫނީގޮތުން އެފުރުސަތު ދެވޭނެތޯ، ނޫންތޯ، އެއީ އަޅުގަނޑުމެން އަދިވެސް ބަލަމުންދާކަމެއް، ވަކިން ވަކި ރަށެއްގެ ކައުންސިލަށް އެކަމުން ފައިދާވުން އެއީ ހަމައެކަނި އަޅުގަނޑުމެނަށް ހަައްލު ނޯންނާނެ ކަަމަކީ، އެހެން ނަމަވެސް ރަށުގެ އެންމެ ކައިރީގައި އޮންނަ ފަޅުރަށެއް، ރިސޯޓަކަށް ހެދިގެންދިޔައިމަ، އޭގެން އެންމެ ބޮޑު ފައިދާވާނީ އެ ރަށަށް ނަމަވެސް ދާއިމީ އިންކަމެއްގެ ގޮތުގައި ކައުންސިލަށް އޭގެން ފައިދާ ލިބޭނެގޮތް ހެދޭތޯ އަޅުނޑުމެން އަދިވެސް އެބަ ބަލަން މިހާރު އޮތް ގާނޫނުގެ ތެެރެއިން ގާނޫނު ބަދަލުނުކޮށް ގަވާއިދުގެ ތެެރެއިންވެސް އެކަަމަށް ފުރުސަތެއް ދެވޭތޯ،” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު