ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިފުށީގައި 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވަައިފި

ވިލިފުށީގައި އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައި، އެ ރަށުގައި ގާއިމުކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވަައިދެއްވައިފިއެވެ.

ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގާއިމުކުރި އޭޓީމް ހުޅުވައިދެއްވީ ރައީސް ޑރ.މުޢިއްޒެވެ.

އޭޓީއެމް ހިދުމަތް އިފުތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސްވަނީ އެ ރަށުގައި ބަހައްޓާފައިވާ އޭޓީއެމްއިން ފައިސާ ނަންގަވާފައެވެ.

އެއަށްފަހު އެ ރަށުގައި ގާއިމުކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އެޅުމާއި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އޭނާގެ އަރިހުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތްކުރާ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާއި ވިލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރާއި އެ ރަށު ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ރޭ ވިލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ވިލިފުށީ ހޮސްޕިޓަލާއެކު އެ ރަށުގެ ރައްޔިތުންނާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވިލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރުވެސް އެ ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އެ ރަށަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ހޯދުމަށް އިއުލާނުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ވިލިފުށީގައ ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފި

ވިލިފުށީ އެއާޕޯޓު އެޅުމާއި ހިންގުން އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށަައިފި