ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫގައި ޗައިނީސް ލޭންގުއޭޖް ސެންޓަރެއް ހުޅުވައިފި

Mal

ޔުނާން އޯޕަން ޔުނިވާސިޓީއާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި، މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ ދެ ޤައުމުގެ މެދުގައި ބަދަހި ގުޅުމެއް ބިނާކުރުމުގައި ބަހާއި ތަޢުލީމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މި ސެންޓަރަކީ ރާއްޖޭގެ ދަރިވަރުންނަށް ޗައިނާ ބަސް ދަސްކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމެއްކަމަށާއި ދެފަރާތުގެ ވިސްނުމާއި އެކުވެރިކަން ފުންކުރުމަށް ފާލަމެއްގެގޮތުގައިވެސް ޚިދުމަތްކުރާނެ ތަނެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ޔުނާން އޯޕަން ޔުނިވާސިޓީގެ ނައިބު ރައީސް ޕްރޮފެސަރު ޒިއޮންގް ލިއަންގްލިން އާއި ޑީން މިސްޓަރ ސޮންގް ޔިމިންގް ބައިވެރިވި މި ރަސްމިއްޔާތުގެ ތެރެއިން، އެ ޔުނިވާސިޓީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް 63،000 ޔުއާންގެ އަގުހުރި ތަޢުލީމީ ސާމާނު ހަދިޔާކޮށް، ދިވެހިރާއްޖޭގެ ތަޢުލީމާއި ތަރައްޤީއަށް އެހީތެރިވުމަށް ޗައިނާއިން ދެމިއޮތްކަމުގެ ވައުދު ރަމްޒުކޮށްދީފައެވެ.

މީގެއިތުރުން، ޕްރޮފެސަރު ޒިއޮންގް އާއި ޑީން ސޮންގް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ-ޗައިނާގެ ގުޅުމުގެ މުސްތަޤުބަލަށް އުންމީދު ބޮޑުކަމަށް ހިއްސާކުރައްވައި، ސަޤާފީ ބަދަލުކުރުންތައް ފުޅާކުރުމާއި ތަޢުލީމީ އެއްބާރުލުން އިތުރުކުރުމާއި ޗައިނާގެ ބަހާއި ސަޤާފަތް ގާތުން ތަޖުރިބާކުރުމުގެ ފުރުޞަތު ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދިނުމުގައި މި ސެންޓަރުގެ ދައުރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރު އުފެއްދުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ތަޢުލީމީ އެއްބާރުލުމުގެ އާ ބާބެއް ތަމްސީލުކޮށް، ދަރިވަރުންގެ ހުނާރާއި ޢިލްމާއި ބައިނަލްއަޤްވާމީ ނަޒަރިއްޔާތު ފުޅާކުރުމުގެ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާނެކަމެއްކަމަށް އެމްއެންޔޫއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު