ވ.ފުލިދޫ ސިއްހީމަރުކަޒުގެ އައު އިމާރާތާއި އެރަށު ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ސިއްހީމަރުކަޒާއި ބަނދަރުގެ މަސައްކަތް ފަށާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުލިދޫއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ. އެކމަަށްޓަކައި މިއަދު ފުލިދޫގައި ބޭއްވި ރަސްމިއްޔާތުެއްގައި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފުލިދޫގެ ސިއްހީ މަަރުކަޒުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ. އެރަށުގެ ސިއްހީ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓްމަހުގެ 21 ވަނަ ދުވަހެވެ. ފުލިދޫގެ ސިއްހީ މަރުކަޒު ހަވާލުކުރީ 27 މިލިއަން ރުފިޔާގެ އަގަކަށެވެ.
ފުލިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ފުލިދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިއީ ފުލިދޫގައި ހަދާ ފުރަތަމަ ބަނދަރެވެ.
ފުލިދޫއަކީ އާބާދީގައި 500 އެއްހާ މީހުން އުޅޭ ރަށެކެވެ. ފުލިދޫއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ރަށެއްކަމުން އެރަށަށް މީޙުން އަރާ ފޭބުމާއި އެއްޗެހި ބޭލުމުގެ އިތުރުން ދޯނިތަކާއި ޑިންގީތައް އެޅުމަށް ބަނދަރެއްގެ މުހިންމުކަން ވަރަށްބޮޑުކަމަށް އެރަށު ރައްޔިތުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު