އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާހްކޮށްފިއެވެ.
މިސިޔާސަތު އިފްތިތާހްކޮށްދެއްވީ އދ.ން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހާއު ޖަންގއެވެ.
އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު ނުވަތަ ނެޝަނަލް ޕޮލިސީ އޮން އޭޖިންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މިސިޔާސަތު ތަންފީޒްކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރުމަށް ބާރު އަޅާ، އެފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކޮށްދީ, މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރެވި, އެމީހުންނަކީވެސް އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެންދާނެކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާކަމަށާއި ދިވެހިރާއްޖެއަށް ވެސް މިބަދަލުތައް އަންނަމުންދާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ %7 އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ %14 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މި ހިސާބުތަކުން ދައްކުވައިދެނީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށް ވިދާޅުވިއެވެ. ވީރުގެ ވާހަކަފުޅުގައިވަނީ މުސްތަޤުބަލުގައިވެސް، އުމުރުން ދުވަސްވީ މީހުން ބާރުވެރިކަމާއި، ޢިއްޒަތާއި، ޝާމިލުވުމާއި، އަދި ރައްކާތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެކެވެ. އެގޮތުން، “އިސްރަށްވެހިންގެ ނާދީ” ގެ ނަމުގައި ދޮށީ އުމުރުގެ މީހުންގެ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރެވިގެންދިއުމަކީ ރައީސުލްޖުމްހީރިއްޔާގެ މި ތަޞައްވުރު ފުރިހަމަކުރެއްވުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު އެއް މަސައްކަތްކަމުގައި ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.
އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތާ ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް މި މަހުގެ 17 އަދި 18 ވަނަ ދުވަހު ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްގެ މައިގަނޑު މިސިޔާސަތު ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.
މި މިސިޔާސަތުގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު