ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ބަދަލުކޮށްފިއެވެ.
ރައީސް މައުމޫން އެކްސްގައި ވިދާޅުވީ ނަސްރީނާގެ ހާލު ރަނގަޅުވެ މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން 74 އަހަރުގެ ނަސްރީނާ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފުތާގައި ކަމަށެވެ.
މެޑަމް ނަސްރީނާއަށް ފަރުވާދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދެއްކި އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރާ ކަމަށާއި އެކަމަށްޓަކައި ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނީ، ހެޔޮއެދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި، މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާތީ ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު