މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޝާއިޢުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 82 މިލިއަން ރުފިޔާ ކަލެކްޓްކުރެވިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ ހަމަ މި މުއްދަތާ އަޅާބަލާއިރު 9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އޮގަސްޓު މަހުގެ ތަފާސްހިސާބުތަކަށް ބެލުމުން، އެ މަހު އެކަނި 8 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބިފައިވަނީ 7 މިލިއަން ރުފިޔާ ކަމުން، މި އަހަރު އޮގަސްޓު މަހު 1 މިލިއަން ރުފިޔާގެ އިތުރުވުމެއް ފެނިގެން ދިޔައެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ކަލެކްޓްކުރެވިފައިވަނީ 73 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ރިހީގެ އަގަށް ބަލައިގެން ކަނޑައަޅާ ކަމަށާއި، މިހާރު އަމަލުކުރަމުން އަންނަ ނިސާބަކީ 11,191.95 ރުފިޔާ ކަމަށް މީރާއިން މަޢުލޫމާތު ދީފައިވެއެވެ. މުދަލުގައި މި ނިސާބު ހަމަވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ކަލަންޑަރުން އެއް އަހަރު ފުރިހަމަވުމުން، އެ މުދަލަކަށް ޒަކާތް ނެރުން ލާޒިމުވެއެވެ.
މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވަމުން އައުމަކީ، ޒަކާތް ދިނުމުގެ މުހިންމުކަން ރައްޔިތުންގެ މެދުގައި އިތުރަށް ފެތުރި، އިޖުތިމާޢީ ޒިންމާދާރުކަން އަދާކުރުމުގެ ރޫޙު ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު