އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ޙަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި ބައްޕަ މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައިވަނީ، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ރޭ10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ އަތާއި ބަނޑަށް ވަޅިއަކުން ވަނީ ޙަމަލާ ދީފައެވެ. އަދި ބަނޑަށް ހަމަލާދީފައިވާތަން ދުޅަވާން ފެށުމުން އިތުރު ފަރުވާއަށް އޭނާ ވަނީ ފަތިހުގެ ވަގުތެއްގައި މާލެއަށް ގެނެސްފައެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައެވެ.
މި ޙާދިސާގައި ބައްޕައަށް ހަމަލާދިން ދަރިފުޅުވެސް ނަފްސާނީ ބަލީގެ ފަރުވާއަށް މާލެއަށް ގެނެސް މިހާރުވަނީ އައިޖީއެމްއެޗްގައި ފަރުވާ ފަށާފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު