ޣާޒީ ބަންޑާރާއިންގެ އަސަރުތައް ދިރުވުމަށް ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ ހއ. އުތީމުގައި އަޅައިފިއެވެ.
އުތީމުގައި ދޮރޯށީގެ ބިންގާ އަޅުއްވައިދެއްވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މިއަހަރުގެ ޤައުމީ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރަނީ ހއ. އުތީމުގައެވެ. އުތީމުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، މިއަދު ވަނީ އެރަށުގައި ރަސްމީ ޖަލްސާ ބާއްވާފައެވެ. ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުންނާއި، ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
އުތީމުގައި ބޮޑުތަކުރުފާނުގެ ދޮރާށި ފަރުމާކޮށްފައިވަނީ ކަޅުއޮއްފުންމީގެ ހަ ބަޠަލުން ރަމްޒުކޮށްދޭ ގޮތަށެވެ. އަދި، އިސްލާމް ދީން އިޔާދަކުރެވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން އެ ދޮރޯށިން ރަމްޒުކޮށްދޭނެއެވެ. ދޮރޯށީގައި 6 ތަނބު ހިމެނޭއިރު، އެއިން ކޮންމެ ތަނބެއް ދައްކުވައިދެނީ ބަޠަލުން މިނިވަންކަމަށްޓަކައި ކުރެއްވި ޖިހާދެވެ. އަދި، ރޭގަނޑަށް 6 ބައްތި ދިއްލޭގޮތަށް ފަރުމާކޮށްފައިވަނީ، އެއިން ކޮންމެ ބައްތިއަކުން ކަޅުއޮއްފުންމީގެ ހަ ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ހަނދާން އާކުރާ ގޮތަށެވެ.
ޤައުމީ ދުވަސް މިއަހަރު އުތީމުގައި ފާހަގަކުރާއިރު، އެރަށުގެ އިސްރަށްވެހިންގެ މައިޒާން، “އޮނުހިޔާ” ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ވަނީ ހުޅުއްވައިދެއްވައިފައެވެ.
ޤައުމީ ދުވަހުގެ ޖަލްސާ މިއަދު ބާއްވާފައިވާއިރު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވަނީ އުތީމު ރައްޔިތުންނަށް ޚާއްޞަ ޝަރަފެއް އަރުވައިފައެވެ.
ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް ޢަބްދުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވާފައިވެއެވެ. އަދި، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު