ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ “ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ ފަށައިފިއެވެ.

މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ. ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.

މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން އަދުނާން ވިދާޅުވީ ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅައި ފަރާތްތައް އެއް ތަނަކުން ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު މި މަހާސިންތާއިން ފަހިވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އައު އިޖާދުތަކާއެކު ޒަކާތުގެ ނިޒާމަށް ގެނެވޭނެ ބަދަލުތަކާއި ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހާސިންތާގައި ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކް ޗެއިން އަދި އާޓިފިޝަލް އިންޓަލެޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެކަމަށްވެސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

“މައިކްރޯ ފައިނެންސްފަދަ އިޖުތިމާޢީ މާލިއްޔަތުގެ އާލާތްތައް ޒަކާތާ ގުޅުވާލުމަށް ބާރުއެޅުމާއެކު މުޖުތަމަޢު ބާރުވެރިކުރުވުމާއި ދެމެހެއްޓެނިވި ގޮތުގައި ފަޤީރުކަން ނައްތާލުމުގައި ޒަކާތުގެ މުހިންމު ދައުރާމެދު ހޭލުންތެރިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ.” ޢިއްޒައްދީން

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށްކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. އެގޮތުން ޒަކާތުގެ ތެރެއިން މިޒާމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާކޮށް އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ނުވަތަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަޤުޞަދުގައި ބާއްވާ މަހާސިންތާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޒަކާތް އަސްނާފު ކާޑު” އިފްތިތާޙުކޮށްފި

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

TTH_advertisement