މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ‘މައި ބަނދަރު’ ޕޯޓަލް މެދުވެރިކޮށް ވެހިކަލް ކުއްޔަށް ހިފުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވެހިކަލް ކުއްޔަށް ހިފަން ބޭނުންވާނަމަ، ފުރަތަމަ ރަޖިސްޓަރ ކޮށްފައިވާ ކަސްޓަމަރެއްގެ ގޮތުގައި މައި ބަނދަރު ޕޯޓަލްއަށް ލޮގިން ކުރަން ޖެހޭނެއެވެ. ލޮގިން ކުރުމަށްފަހު، ހޯމް ޕޭޖުގެ “ރެންޓަލް މޮޑިއުލް” މެދުވެރިކޮށް ބޭނުންވާ ވެހިކަލެއް ކުއްޔަށް ހިފޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކުއްޔަށް ހިފެން ހުރި އުޅަނދުތަކުގެ ތެރޭގައި ފޯކްލިފްޓް، ކްރޭން، ޓާމިނަލް ޓްރެކްޓާ، ސައިޑް ލޯޑާ، ރީޗް ސްޓެކަރ އަދި ބާޖް ހޭންޑްލާ ފަދަ، ޚާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ބަރު އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތައް ކުއްޔަށް ދޫކުރުމުގެ ސަބަބުން، މަސައްކަތްތައް ހިންގާ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އުޅަނދު ހޯދުމުގެ ފަސޭހަ ގޮތްތައް ލިބިގެންދާނެއެވެ.
އެމްޕީއެލްއިން ގެންދަނީ އެކުންފުނީގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އީ-ގަވަމަންސްގެ އުސޫލުތަކާ އެއްގޮތަށް ޚިދުމަތްތައް ފަސޭހަކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. ‘މައި ބަނދަރު’ ޕޯޓަލް މެދުވެރިކޮށް ވެހިކަލް ކުއްޔަށް ދޫކުރުމަކީ މި މަސައްކަތުގެ އެއްބައެވެ.
ކިޔުންތެރިންގެ ހިޔާލު