ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ބަންދުގައި ހުއްޓާ މަރުވި ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ރޭ ފަތިހު 05:50 އެހައިކަށްހާއިރު އަފްރާހުގެ ހާލަތު ބެލިއިރު، އޭނާގެ ހަރަކާތްތައް ހުއްޓިފައިވާކަން ފާހަގަކުރެވުނެވެ. އެހިސާބުން އޭނާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ކަނޑައެޅިއެވެ.
އަފްރާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދަނީ ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުންނެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ވަނީ ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު