ގާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރާން ޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުމަށާއި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބިލު ފާސްކޮށް، ރައީސް ތަސްދީގުރެއްވި ފަހުން މިއަދު ހެނދުނު އެކްސްގައި ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ އިސްލާހުތަކަކީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހެއް ކަމަށެވެ.

“ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް، މިއީ ފެޑްރަލް ދައުލަތެއް ނޫން! އެހެންވީމާ ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ އުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނޭ މިންވަރަކަށް، އެ ހުދޫދުގެ ތެރޭގައި، ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކާއި ފުށުއަރާގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެންނުވާނެ.” ގާސިމް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އިދާރި ދާއިރާތައް ހިންގުން ގާނޫނު އަސާސީގައި ބަޔާންކޮށް އެމައްޗަށް ގާނޫނެއް ވުޖޫދަށް ގެނެސް ވޭތުވި 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާ އިރު، މި ގާނޫނާ އެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީވެސް ހަގީގަތެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓު ކުރާކަމަށްވެސް ފާހަގަކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތުދީ ނާޖާއިޒު އެއްވެސް ފައިދާއެއް ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދީގެން ނުވާނެ ކަމަށެވެ.

“ދެން އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ. މިސާލަކަށް މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ 2026 މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސްކަމުގައިވާތީ ކައުންސިލްތަކުން އިހުލާސްތެރިވާން ޖެހޭނީ ގާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް، މި އިސްލާހު ގެ ސަބަބުން އަސްލުގައި ފައިދާވާނީ ރައްޔިތުންނަށް ސަރުކާރަކަށް ނޫން. ރަށެއްގެ ތަރައްގީގެ ޕްޕޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހުތިޔާރުވެސް އޮވެގެން ނުވާނެ. މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދާ ކަމީވެސް ހަގީގަތެއް.”

އޭގެ އިތުރުން އެ ގާނޫނަށް ގެނެސްފައިވާ އެހެން އިސްލާހުތަކަކީވެސް ރައްޔިތުންނަށް ފައިދާވާނެ އިސްލާހުތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

“އަދި މި އިސްލާޙްގައި ހިމެނޭ 2010 ގެ 707ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރައްވާ (ޅ) ގެ ގޮތުގައި ފާސްކުރައްވާފައިވާ މާއްދާގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅުއްވާ އޭގެ ތެރޭގައި އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިޞްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ވެގެން ނުވާނޭ ކަމުގައި ބަޔާން ކޮށްފައިވުމުން އެކަމުގެ ފައިދާ ިބިގެންދާނީ، އެރަށެއްގެ ޢާންމުންނަށާއި، ޢާންމު ވިޔަފާރިތަކަށްކަމުގައިވެސް ދަންނަވާލަންޖެހެއެވެ.”