ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ވެރިކަމުގެ ދައުރު 10 ނުވަތަ 15 އަހަރަށް އިތުރުކުރަން ޖެހޭނެ ކަމަށް ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ޔޫޓިއުބް ޗެނަލް “ދެނޯ” އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްއްގައި، ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އުއްޗު ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް ނޫން ކަމަށާއި، ހިންދު ކަނޑުގެ ވަރަށް ބޮޑު ސަރަޙައްދެއް ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ވަނީ އެކި ދުރުމިނުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ޙަޤީޤަތުގައި ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ޑޮލަރުގެ ވާރޭވެހޭ ޤައުމަކަށް ވެފައި، 200 އަށްވުރެ ގިނަ ރަށުގައި ރައްޔިތުން ދިރިއުޅެމުންދާތީއެވެ. ކޮންމެ ރަށަކަށްވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހެއެވެ. މިކަމުގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ހިނގައެވެ. އަދި މި ޚަރަދުތައް ކުރެވެނީ ވެރިންގެ އަމިއްލަ ޖީބުން ނޫންކަން ފާހަގަކޮށްލަޮށްލަން ޖެހެއެވެ. މިއީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ޚަރަދުތަކެކެވެ،” އުއްޗު
އުއްޗު އިތުރަށް ވިދާޅުވީ، ސަރުކާރުން ލޯނު ނަގަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި މި ހުރިހާ ކަމެއް ކުރުމަށް ޖެހެނީ ބޭރު ފައިސާއިން ލޯނު ނަގަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މިހާ ބޮޑު ޤައުމަކަށް ފަސް އަހަރުގެ ވެރިކަމުގެ ދައުރަކީ މާ ކުރު މުއްދަތެކެވެ. އެހެން ޤައުމުތަކާ ޚިލާފަށް، ރާއްޖޭގައި ކަންކަން ކުރެވެނީ އަމިއްލަ ވަސީލަތްތަކުން ނޫނެވެ. އެހެންކަމުން، ވަރަށް ރަށް ބުރަ މަސައްކަތުން ނޫނޫނީ ކަމެއް ނުކުރެވެއެވެ. މިހެންވުމުން، ކޮންމެ ވެރިއަކަށް ވިޔަސް، މުއްދަތު މާ ކުރުވެއެވެ. އެންމެ މަދުވެގެން 10 ނުވަތަ 15 އަހަރުގެ ދައުރެއް ވެރިއަކަށް ލިބިގެން ނޫނީ މި ކަންކަން ނުކުރެވޭނެއެވެ. މިކަން ނުކޮށް ޑޮލަރުގެ އަގު ދަށްކުރެވޭނެ ކަމަކަށް ނުދެކެމެވެ. ރައްޔިތުންގެ ބޭނުންތަކާއި ޑިމާންޑަށްބަލާއިރު، ރައްޔިތުންނަށް ހުރިހާ ކަމެއް ބޭނުންވެއެވެ,” އުއްޗު
އުއްޗު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ރާއްޖެއިން ބޭރުން ނަގާ ލޯނަކީ ސީދާ ނަގުދު ޑޮލަރުން ރާއްޖެއަށް ލިބޭ ފައިސާއެއް ނޫން ކަމަށެވެ. އަވައްޓެރި ޤައުމުތަކުން ދޭ ލޯނުތައް ގިނަ ފަހަރު ވަކި މަޝްރޫޢުތަކަކާ ގުޅުވައިގެން ދެވޭ ކަމަށާއި، މި މަޝްރޫޢުތައް ހިންގުމަށް އެ ޤައުމުތަކުގެ މަސައްކަތްތެރިން ރާއްޖެއަށް އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތެރިންނަށް އުޖޫރަ ދޭންޖެހެނީ ޑޮލަރުން ކަމަށްވެސް ވިދާޅުވިއެވެ.
“މި ގޮތުން ބަލާއިރު، ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް އަނބުރާ ބޭރަށް ދާކަން ފާހަގަކުރަން ޖެހެއެވެ. މިއީ ޑޮލަރުގެ ދަތިކަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ,” އުއްޗު
އުއްޗުގެ މި ބަސްފުޅުތަކުން ދޭހަވަނީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށާއި ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ދިގު މުއްދަތެއްގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމެވެ. އަދި މިފަދަ ދިގު މުއްދަތުގެ ޕްލޭނެއް ތަންފީޒުކުރުމަށް މިހާރުގެ ވެރިކަމުގެ ދައުރުގެ މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމެވެ.
ނަމަވެސް، މި ހުށަހެޅުމަކީ ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމެއް ކަމާއި، އަދި މިފަދަ ބަދަލެއް ގެނައުމަކީ ސިޔާސީ އަދި އިޖްތިމާޢީ ގޮތުން ބޮޑެތި ބަހުސްތަކަކަށް މަގުފަހިވެދާނެ ކަމެއްކަން ފާހަގަކުރަން ޖެހެއެވެ. އެހެންކަމުން، މި މައްސަލައާ ގުޅޭގޮތުން އިތުރު ދިރާސާތަކާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު