ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ގާއިމުކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ.
އެމްޕީއެލުން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ.
އޭގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށާއި، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު