މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ، އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅާ، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާފައިވެއެވެ.
ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މިި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. މިއީ 15.6 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކިހާދޫގައި ގިރަމުންދިޔައީ އެރަށު ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަޙައްދެވެ. އެސަރަހައްދަށް ގާތްގަނޑަކަށް 30000 ކިއުބިކް މީޓަރުގެ ވެލި މީގެކުރިންވެސް އަޅާފައިވެއެވެ. ކިހާދޫ ކައުންސިލުން ވިދާޅުވީ، 600 ފޫޓުގެ ސަރަޙައްދަކަށް މި ވެލި އަޅާފައިވާކަމަށެވެ. އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަޙައްދުތައްވެސް ހުރިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު