ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާ އިނގިރޭސިވިލާތުގެ ޖަމްޢިއްޔާ، ޕަލެސްޓައިން އެކްޝަންގެ ދިފާޢުގައި އަޑުއުފުލުމަށް ނުކުތް 466 މީހުން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފިއެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނުކުމެފައިވަނީ، އެ ޖަމްޢިއްޔާ މަނާކުރުމަށް ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިޙްތިޖާޖުކުރުމަށެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ޕަލެސްޓައިން އެކްޝަން މަނާކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ މަޖިލީހުން ވަނީ ޕަލެސްޓައިން އެކްޝަނަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ނިންމުން ނިންމާފައިވަނީ، އެ ޖަމްޢިއްޔާއަށް ނިސްބަތްވާ ބަޔަކު އިނގިރޭސިވިލާތުގެ އަސްްކަރީ ވައިގެ މަރުކަޒަކަށް ވަދެ، އެތަނުގައި ހުރި އަސްކަރީ މަތިންދާބޯޓުތަކަށް ސްޕްރޭ ޖަހައި ގެއްލުންދިނުމާ ގުޅިގެންނެވެ. މި ޢަމަލު ހިންގާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިނގިރޭސިވިލާތުގެ ސަރުކާރުން ތާއީދުކުރާތީ، އެކަމާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ޕަލެސްޓައިން އެކްޝަނަށް ތާއީދުކުރުމުގެ ގޮތުން ލަންޑަނުގެ މަގުތަކުގައި ބޭއްވި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ތިބީ، ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ޝިޢާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެ މީހުން ދިޔައީ ޣައްޒާ މިނިވަންކުރުމަށް ގޮވާލައި، ޕަލެސްޓައިން އެކްޝަނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމަށް އިސްރާއީލުން ހިންގަމުންދަނީ ޤަތުލުޢާންމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރެއެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިތުރުން އިންސާނިއްޔަތުކަމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000 އަށް އަރާފައެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމުގައި ޖެއްސުމަށް ވެސް އިސްރާއީލުން ދަނީ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގަމުންނެވެ.
މި ހާލަތާ ދެކޮޅަށާއި، ޕަލެސްޓައިން އެކްޝަން ޖަމްޢިއްޔާގެ ދިފާޢުގައި އަޑުއުފުލަމުން ދިޔަ މީހުން އެއްވެފައިވަނީ ލަންޑަނުގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށެވެ. މުޒާހަރާކުރި ފަރާތްތައް ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި، އޭގެ ތެރެއިން 466 މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
ލަންޑަނުގެ ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކީ މުޒާހަރާއާ ގުޅުމެއް ނެތް އެހެން ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެކެވެ. މީގެ އިތުރުން، ފުލުހުންނަށް ޙަމަލާދިނުމުގެ ކުށުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ އެއް އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިހާރު އިނގިރޭސިވިލާތުގައި ޕަލެސްޓައިން އެކްޝަނަށް ތާއީދުކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އަދި، އެ ޖަމްޢިއްޔާގެ މެންބަރަކަށްވުމަކީ 14 އަހަރުގެ ޖަލު ޙުކުމަކާ ކުރިމަތިލާންޖެހިދާނެ ކުށެކެވެ. އެ ޖަމްޢިއްޔާ މަނާކުރުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމާ ދެކޮޅަށް ޝަރީޢަތަށް މައްސަލައެއް ހުށަހެޅުމަށް އެ ޖަމްޢިއްޔާގެ ބާނީން ދަނީ މަސައްކަތްކުރަމުންނެވެ.
މި ހާދިސާއަކީ ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސިޔާސަތުތަކާމެދު ޢާންމުންގެ މެދުގައި އޮތް ނުރުހުން ދައްކުވައިދޭ ކަމެކެވެ. އަދި މިފަދަ އިޙްތިޖާޖީ ޙަރަކާތްތަކުން ސަރުކާރުގެ ނިންމުންތަކަށް ބާރުފޯރުވުމަށް މަސައްކަތްކުރާކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް، ސަރުކާރުން މިފަދަ ޙަރަކާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންދާކަން ވެސް މި ހާދިސާއިން ހާމަވެގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު