ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މޫސާ އިބްރާހީމްގެ މަރުގެ ތަހުގީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަަށް ފޮނުވާފައިވަނީ މި ހަފުތާގެ ތެރޭގައެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު މިރޭ މާލެ ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައިގައި މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވަނީ ނިޔާވި މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި މޫދަށް ފީނައިގެން ހޯދަފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު