މިދިޔަ މާޗް މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެ އޮޕަރޭޝަން ހިންގީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އެ މައްސަލާގައި ދައުވާ އުފުލީ ސ. މަރަދޫ ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ. އެޗީވް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދުގެ މައްޗަށެވެ.
ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ.
ސައުސަންގެ މައްޗަށް ދެ ދައުވާ އުފުލިއެވެ. އެއީ ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ހުވައިރިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެއެވެ. އެންމެން ވެސް މިހާރު ތިބީ ބަންދުގައެވެ.
ކިޔުންތެރިންގެ ހިޔާލު