މާލޭގެ ފިހާރައަކަށް ވަދެ ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ.

މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރު މީހަކު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ ”ޕަރާއޯ“ ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އޭނާ ވަނީ ފޭރިފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލާގައި އޭނާ އިއުތިރާފްވުމުން ފޭރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި އޭނާއަށް ހަ މަސް ދުވަހުގެ ހުކުމެއް ވެސް ވަނީ އިއްވާފައެވެ.

ނަމަވެސް ބަންދުގެ މުއްދަތުގައި  އޭނާ ހޭދަކުރި ދުވަސްތައް އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ ތިން މަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.