ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

112

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ޤާއިމްކުރެވުނު ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފިއެވެ.

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވުމަށް ބޭއްވި ޚާއްސަ ރައްމިއްޔާތުގައި، މި ފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.

މި ފެސިލިޓީއަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ޚާއްސަކޮށް ޤާއިމްކުރެވުނު “ޖުވެނައިލް ޑިޓެންޝަން ސެންޓަރ” 30 ޖަނަވަރީ 2022 ގައި ހުޅުވައި، ހިންގަން ފަށާފައިވެއެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތުއޮންނާނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެއެވެ.

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގެ އިތުރުން މިނިސްޓަރ މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ގައިދީންނާއި ބަންދުމީހުން އެފަރާތްތަކުގެ ޢާޢިލާ ތަކާ ބައްދަލުކުރުމަށް ޚާއްސަކޮށް ތަރައްޤީކޮށްފައިވާ “ޢާއިލީ ހިޔާ” އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ “ހިރުނދު ހިޔާ” ހުޅުވައި ދެއްވާފައިވެއެވެ.

މި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ޤާއިމްނުވެ އޮތް ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޒުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ. އަދި ޤައުމީ ޚިދުމަތުގައި ވަފާތެރިކަމާއި އިޙްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އާއި ޢާއިލީ ހިޔާ އަދި ކުޅިވަރު ފެންޑާ ހެދުމުގައި ގައިދީންނާއި އޮފިސަރުންނާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު