އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.
މިދިޔަ ހޯމަ ދުވަހު އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފޮނުވާފައިވަނީ އިންޑިއާގެ ތްރިވަންތަޕޫރަމަަށެވެ.
ފުލުހުން މިރޭ ބުނީ އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މިއަދު މާލެ ގެނެސް، މިރޭ 7:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މާޅޮހުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ރަށުގެ ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމަށްފަހު މިހާރު ވަނީ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
“މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ.” އެ މެސެޖުގައި ބުނެފައިވެއެވެ.
އަބްދުއްރަހްމާނަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަމަލާދީފައިވާ އިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު