މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ބަނދަރު ތަރއްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ފޮއްދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ފޮއްދޫގެ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮއްދޫއަކީ ރާއްޖޭގައި ބަނދަރު ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ބަނދަރު ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ.
ފޮއްދޫގެ ރައްޔިތުން ބަނދަރަކަށް އިންތިޒާރުކުރާތާ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ކަމަށާއި ބަނަދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށް ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވިއެވެ.
“ސަރުކާރުން ފަށްޓަވައިދެއްވާ މަޝްރޫޢުތަކުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާކަން ރަށުގެ ރައްޔިތުންނަށް މިހާރު އެނގި ހާމަވެއްޖެ. ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. މިހާހިސާބަށް އައިއިރުވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތިހާލު ތަސައްވަރުވެސް ނުކުރެވޭނެ. ބަނދަރެއްގެ ވާހަކަ ކައުންސިލާއި ރަށުގެ ތެރެއިން ބަޔަކު ރައީސާއި ބައްދަލުކޮށް ދެންނެވުމުން ރައްޔިތުން އެދޭ ކަހަލަ ބަނދަރެއް ފޮއްދޫގައި ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި”. ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ
ފޮއްދޫއަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.
ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް ނިމޭއިރު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ފޮއްދޫއަކީ އާބާދީގައި 504 މީހުން ދިރިއުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ހިޔާލު