ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޅެންދޫގެ އިހުތިސާސަށް ތޮޅެންދޫ އިތުރުކުރުމަށް އަތޮޅު ކައުންސިލުން ހުރަސްއަޅާ: ރައީސް

އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ނ.މާޅެންދޫގެ އިހުތިސާސުގެ ތެރޭގައި އެ އަތޮޅު ތޮޅެންދޫ ހިމެނުއްވުމަށް ހުރަސްއަޅަމުންދަނީ އެ އަތޮޅު ކައުންސިލުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންދާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ތޮޅެންދޫއަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެ ރަށު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު އެރަށަށް ވެވަޑައިގެންފައިވާ ބައެއް ވައުދުފުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެކި ސަބަބުތަކާހުރެ ބައެއް މަސައްކަތްތައް ނުފެށި ލަސްވި ނަމަވެސް، އެންމެ މުހިއްމު މަސައްކަތްތައް ކުރިއަށްދާނެ ގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެރަށަށް އެންމެ މުހިއްމުވެފައި އޮތް މަސައްކަތަކީ ހުޅަނގު ފަރާތުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތުގެ ޑިޒައިން މަރުހަލާ މިހާރު ނިމި އީއައިގެ މަސައްކަތް ހިނގަމުންދާ ކަމަަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގެންނަންޖެހޭ ހިލަވެސް ވަރަށް އަވަހަށް ގެންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސްވަނީ އަންނަ އޯގަސްޓު މަސް ނިމުމުގެ ކުރިން ރަށުގެ ޖެޓީގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ވިދާޅުވުމާއެކު، މަސައްކަތް ފެށުމަށްފަހު، ނުހުއްޓި މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ރަށުގެ ރައްޔިތުން އެދޭކަމާއި، ސިނާއީ މަސައްކަތްތަކަަށާއި، ގެދޮރުވެރިކަން ފަދަ މުހިއްމު މަސައްކަތްތަކަށް ބިން ބޭނުންވާކަަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރަންޖެހޭނީ މާޅެންދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ކަމުގައެވެ. އަދި އެކަމަށް ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިރުޝާދުދެއްވާފައިވެއެވެ.

“މިރަށުގައި ވަރަށް ގުދުރަތީ ރީތިކަން އެބައޮތް. ހިމާޔަކުރަންޖެހޭ. އެއީ މި ރަށުގެ އެސެޓެއް، ރަށަށް އެއިން އާމްދަނީ ހޯދޭނެ އެސެޓެއް. އެކަން ހަލާކުނުވާނެ ގޮތަށް ކުރިއަށްގެންދަންވާނީ. އެހެންކަމުން ރަށު ކައުންސިލާއި ކޮންސްޓަރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން އެގޮތަށް އެ މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންޖެހޭ. އެކަން ހަމަޖެހުނުހައި އަވަހަކަށް އެ މަސައްކަތްކުރާނަން،” ރައީސް

ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމުގެ އިތުރަށް އެ ރަށުގެ ރައްޔިތުން އެދިފައި އޮތްކަމަކީ ރަށް ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ ތޮޅެންދުންދޫ އެ ރަށުގެ އިހުތިސާސުގެ ތެރޭ ހިމެނުއްވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވި ނަމަވެސް އެކަމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ރަށުގެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ކޯޓުން ނެރެފައި އޮތް އަމުރެއްވެސް އެބައޮތް ކަމުގައެވެ.

“މިކަން ވެފައި އޮތް ގޮތް ބަލައިފިން. ބެލިއިރު މި އަތޮޅު އަތޮޅު ކައުންސިލުން މައްސަލައެއް ހުށަހަޅައިގެން މިއުޅެނީ. އަތޮޅު ކައުންސިލުން މައްސަލައެއް ހުށަހަޅައިގެން ކޯޓުން އަމުރެއް ނެރުއްވައިގެން މިއުޅެނީ. އަތޮޅު ކައުންސިލުން ކޯޓަކަށް ހާޒިރުނުވޭ، ހާޒިރުނުވީމާ މައްސަލަ ނުހިނގައިގެން މިއުޅެނީ. އެހެންވީމާ މާޅެންދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައި އޮތް، އަދި އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މާޅެންދޫގެ އިހުތިސާދުގައި ތޮޅެންދޫ ހިމެނުމަށް ހުރަސްކުރިމަތިކުރުވައިގެން މިއުޅެނީ އަތޮޅު ކައުންސިލުން،” ރައީސް

ރައީސް ވިދާޅުވެފައިވަނީ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން އެ މަރުހަލާއިން ސަލާމަތްކޮށް ތޮޅެންދޫ މާޅެންދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭނެ ގޮތެއް ހޯއްދަވަަން ބަންޑާރަނައިބަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ހުރަސްނާޅާނަމަ މިހާރު އެ ރަށް އޮތީހީ މާޅެންދޫގެ އިހުތިސާސުގައި ހިމަނުއްވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްވަނީ އެ ރަށުގެ ރައްޔިތުންނަށް މުހިއްމުވެފައި ހުރި އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަައެވެ. ނ.އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ގެންދަވަނީ ތަފުސީލުކޮށް ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް