ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރ ސަޕޯޓަށް ބޭނުންވާ ޑޮލަރު ހިމެނޭހެން ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރު ކުރުމަށް، އެމްއެމްއޭއިން ނިންމައިފިއެވެ. އެމްއެމްއޭއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސައްތައިން 90 އިންސައްތައަށް ވަނީ މަތިކޮށްފައެވެ. ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ.
ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ދާދި ފަހުން ގެނެވުނު ބަދަލާއެކު ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭނުންކުރެވޭނީ ވަކި ކަންކަމުގައި ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ބޭނުންކުރެއެވެ. އަދި މި އަދަދުގެ ބޮޑު ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ދަނީ ބޭނުންކުރަމުންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ނިޒާމެއްގެ ތެރެއިން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، ބޭރުފައިސާއާ ބެހޭ ޤަވާއިދަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރުގެ ނިސްބަތަކީ މިހާރު 30 އިންސައްތައެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް އިތުރުކުރުން ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މިއަހަރުވެސް ދަރަނި އަދާކުރުމަށް 174 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި ދަރަންޏަށް ދައްކާފައިވާ ވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު